ކުޅުދުއްފުށީ ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބިޒްނަސް ސެންޓަރެއް ތަރައްގީކުރަން އެ ސިޓީން ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރެއް ޤާއިމުކުރުމަށްޓަކައި 10 އަހަރު ދުވަހަށް ބަނޑާރަހިޔާ ސަރަހައްދުން 1000 އަކަފޫޓްގެ ބިމެއް ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އަދި އެ ބިމުގެ ކުއްޔަކީ މަހަކަށް 5000ރ. ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.
”ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާހު ގެނެވުނު ފަހުން ބިންގާ އަޅާފައިވާ މި ބިޒްނަސް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި މިވަނީ، އެ އިޞްލާހާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ނަންބަރު: 20-ޖީ/2025 އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ހުއްދަ ލިބުމުންނެވެ“ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ކުޅުދުއްފުށީ ސިޓީގެ ބަނޑާރަހިޔާ ސަރަހައްދުން ދޫކުރި މި ބިމުގެ ކުއްޔަށް މަހަކަށް 5000 ރުފިޔާ ލިބޭނެ ކަމަށް ބުނެފައި ވާއިރު އެ ބިމުން އެ ކައުންސިލަށް އަހަރަކު 60،000 ރުފިޔާ އަދި 10 އަހަރުން 600،000 ރުފިޔާ ލިބޭނެއެވެ.



