ރ. އިންނަމާދޫގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މި ސިސްޓަމް ބަހައްޓައި ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އަހަރަކު 164,672 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު އަހަރަކު 403 ޓަނަށް ކުޑަކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
”މިއީ ތިމާވެއްޓަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަށް އެއްބާރުލުންދޭ މުހިންމު މަޝްރޫޢެއް ކަމަށެވެ.
ރައީސްގެ ތަސައްވުރުގައި 2028 ވަނަ އަހަރާ ހަމައަށް ޤައުމީ ކަރަންޓުގެ ބޭނުންވާ މިންވަރުގެ 33 އިންސައްތަ އިއާދަކުރުވަނިވި ހަކަތައިން ފުއްދުމަށް އަމާޒުކޮށްފައިވެއެވެ.
އިންނަމާދޫގައި ބެހެއްޓޭ މި ސިސްޓަމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މި މަޝްރޫޢުގެ ސަބަބުން އިންނަމާދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ހަކަތަ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”ރާއްޖޭގެ ހަކަތައިގެ ބޮޑު ބައެއް ޑީޒަލުން އުފައްދަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޝްރޫޢުތަކަކީ ހަކަތައިގެ ގޮތުން މިނިވަންވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.



