ދުނިޔޭގެ ނަންމަޝްހޫރު ފެޝަން ބްރޭޑެއް ކަމަށްވާ ”ޕްރާޑާ“ އިން، އާންމުކޮށް އިންޑިއާގައި ބޭނުންކުރާ، ކޮލްހަޕޫރީ ޗައްޕަލުގެ އޮރިޖިނަލް ޗައްޕަލުތަކެއް އުފައްދަން ނިންމައިފިއެވެ.
ޕްރާޑާއިން އިންޑިއާގެ ޗައްޕަލު ހަދަން ނިންމާފައިމިވަނީ، އެފަދަ ގޮތަކަށް ދާދިފަހުން ޗައްޕަލުތަކެއް އުފެއްދުމުން އެ ބްރޭޑަށް އާންމުންގެ ނުރުހުމާއި ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ.
އިޓަލީގެ ފެޝަން ބްރޭންޑެއް ކަމަށްވާ ޕްރާޑާއިން އިންޑިއާގެ މަހަރާޝްތުރަ އާއި ކަރްނަޓަކާގައި، މިފަދަ 2000 ޗައްޕަލު ހަދަން ނިންމާފައިވާ ކަމަށާއި އެ ދެ ސްޓޭޓާއެކު މިހާރު އެއްބަސްވުމެއްވެސް ހަދާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
”އަހަރުމެން އެ ޗައްޕަލުތައް އުފައްދާނީ އޭގެ އޮރިޖިނަލް ޗައްޕަލު އުފައްދާ މީހުންގެ ހުނަރާއި އަހަރުމެންގެ މެނުފެކްޗަރ ކުރުމުގެ ހުނަރު ގުޅުވާލައިގެން“ ޕްރާޑާގެ ހެޑް އޮފް ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ލޮރެންޒޯ ބަރޓެލީ ބުނެފައިވެއެވެ.
އިންޑިއާގެ ޗައްޕަލު ޕްރާޑާގެ ފަރާތުން މާކެޓަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން އެ ޗައްޕަލުގެ ސޭލް އޮންލައިންކޮށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިމެނޭ ޕްރާޑާގެ 40 ފިހާރައަކުން ލިބެން ހުންނާނެ ކަމުގައިވެސް ޕްރާޑާއިން ބުންޏެވެ.



