އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗުގައި ޔަހޫންތަކެއްގެ ހަފުލާއެއް ކުރިއަށްދަނިކޮށް ބަޑިން ހަމަލާދީ، ގިނަ ބަޔަކު މަރާލީ ބައްޕައަކާއި އޭނާގެ ދަރިފުޅު ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ ދެ ބަފައިންނަކީ ވެސް ބަޑި ގެންގުޅުމުގެ ހުއްދަ އޮންނަ ދެމީހުން ކަމަށެވެ.
ބަޑިޖެހި ދެބަފައިންގެ ތެރެއިން އުމުރުން 50 އަހަރުގެ ބައްޕަ މަރުވެފައިވާއިރު، 24 އަހަރުގެ ދަރިފުޅު އޮތީ ސީރިއަސް ހާލަތެއްގައި ހޮސްޕިޓަލްގައެވެ.
އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހިމެނެއެވެ. އެއީ އެ ހަމަލާގައި މަރުވި އެންމެ ހަގު ކުއްޖާއެވެ. މި ހަމަލާގައި މަރުވި އެންމެ އުމުރުން ދޮށީ މީހާގެ އުމުރަކީ 87 އަހަރެވެ.
ހަމަލާގެ ސަބަބުން އިތުރު 42 މީހުން ޒަޚަމުވެފައިވާއިރު، އެ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.
އޮސްޓްރޭލިއާ ގަޑިން އިއްޔެ އިރުއޮއްސި 6:47 ހާއިރު ދިން އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފުލާގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފައެވެ. އަދި މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ދިދަ، ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ނިންމާވަފައެވެ.




