މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،106،122 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 1،912،304 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.
މީގެއިތުރުން ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ވަނީ 84،061 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %12 އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:
° ޗައިނާ: 320،721 ފަތުރުވެރިން
° ރަޝިއާ: 263،172 ފަތުރުވެރިން
° އިނގިރޭސިވިލާތް: 189،513 ފަތުރުވެރިން
° ޖަރުމަނު: 158،585 ފަތުރުވެރިން
° އިޓަލީ: 137،188 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަން ފަތުރުވެރިންނަށްވެރެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.




