އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅުފުށީގައި ބޭއްވި ”ސޭފަރ ހުޅުމާލެ“ ގައެވެ. އެ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް އިފްތިތާހު ކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެ ސަރވިސަސްގެ ޔުނީފޯމާއި އަދި ލޯގޯ ވެސް ވަނީ ތައާރަފުކޮށްފައެވެ.
އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.
އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް ތަޢާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސާރވިސަސް ގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެއެވެ. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.



