ރާއްޖޭގެ ސުޕަރ މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެއެވެ. އެ މައްސަލައިގައި ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަން މައްޗަށް ބަދަލު ކުރުމަށެވެ.
ހައި ކޯޓުން މިދިޔަ އޮކްޓޯބަރު ނެރުނު ހުކުމް ކައިޒީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މިހާތަނަށް މި މައްސަލަ އެ ކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުންނަމަވެސް އެ ކޯޓުން ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް، ޣައިރު ހާޒިރުގައި ހުކުމްކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ފައިސާ ދިން ގޮތާއި ފައިސާގެ އަދަދާ މެދު ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.
މީގެއިތުރުން ދެވަނަ ފަހަރު އެ މައްސަލަ ބެލިއިރު ވެސް ބައްޕަގެ ފަރާތުން މުއްދަތު ހަމަވިފަހުން ޖަވާބު ހުށަހަޅާފައިވާތީ އެ މައްސަލާގެ ހުކުމް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އަދި އެ ނިންމުން ކައިޒީންގެ ފަރާތުން އަނެއްކާވެސް އިސްތިއުނާފްކުރިއެވެ.
އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށްވާތީ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދިޔުމަށެވެ.




