އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ޔަހޫދީން ފާހަގަކުރި އެމީހުންގެ ދީނީ ހަރަކާތެއްގެ ތެރޭގައި، އިއްޔެ ދިން އެ ހަމަލާގައި މިހާތަނަށް 15 މީހަކު މަރުވެ 40 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
އެ ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ހަމަލާ ހަރުުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ކުށެއް ނެތް މައުސޫމު ބަޔަކު މަރާލި މިފަދަ ހާދިސާތަކަށް މުޖުތަމައުގައި ޖާގަ ނޯންނާނެ ކަމަށެވެ.
ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި އުނދަގޫ ދަނޑުވަޅުގައި ދިވެހި ސަރުކާރުން އޮތީ އޮސްޓްރޭލިއާ ސަރުކާރާ އެކު ކަމަށެވެ. އަދި ޓެރަރިޒަމްގެ މިފަދަ ހަމަލާތަކާއި އަމަލުތަކާ ދެކޮޅަށް އަބަދު ވެސް ބަސްބުނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.




