ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ މައްސަލައިގެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާންކުރި ހުކުމް، އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލަތައް އޭނާގެ ފަރާތުން މި ދިޔަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަތައް ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ގޭސް މާނު މޯލްޑިވް ގޭސްގެ އެމްޑީއަކަށް 2016 ވަނަ އަހަރު ހުންނެވިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާ ވަނީ ސާބިތުވެފައެވެ. އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރާއި 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ބޮޑު އަދަދަކުން ރިޝްވަތު ނެގުމުގެ މައްސަލައެއްގައި، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީއިން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.



