ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަނުން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށް މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެމްއެންޑީއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލީ އެމްއެންޑީއޭގެ ދަށުން އުފައްދާފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައި ކަމަށެވެ.
އަދި އެ ސަބްކޮމިޓީގެ ދަށުން ސުނާމީ ކާރިސާގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ޔުނެސްކޯ-އައި.އޯ.ސީ ގުޅިގެން އެކުލަވާލާފައިވާ ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމްގެ ސްޓްރެޓީޖިކް އިރުޝާދު ދިނުމާއި، ކާރިސާގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ސްޓްރެޓީޖިކް ގައިޑެންސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ހިމެނެނީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް އެންޑް ޕަބްލިކް ވާކްސްގެ އިތުރުން ހެލްތު މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީއާ، ފުލުހުންނާއި ސިފައިންއާއި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުން ހިމެނޭހެން ޖުމުލަ 7 މެންބަރުންނެވެ.



