ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން 10 ސެލޫނެއް ބަލައިފާސްކޮށް 3 ތަނެއް ބަންދުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގައި ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެެވެ.
އެގޮތުން ބަލައިފާސް ކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ 3 ތަނެއް ބަންދުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ނޮވެންބަރު 27 ގައި ކުރި އިޢުލާނާ ގުޅިގެން، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅައިގެން ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.



