ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ މުހިންމުއެއް ބަޔަކަށް ވެފައިވާ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް (ގެސްޓްހައުސް ޓޫރިޒަމް) އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ފުޅާ ދާއިރާއެއްގައި ސަރވޭއެއް ފަށައިފިއެވެ.
މިނިސްޓްރީން ބުނީ މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ސިޔާސަތުތައް އެކުލަވާލުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތު އެއްކުރުން ކަމަށެވެ.
މިނިސްޓްރީން ބުނީ މައުލޫމާތު އެއްކުރުމުގެ މި މަސައްކަތް ފެށިފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މި ސަރވޭ ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ މި ސަރވޭއިން އަގުހުރި މައުލޫމާތުތައް އެއްކުރެވޭނީ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް ހިންގާ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، މިފަދަ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން ކަމަށެވެ. މި ތިން ބައިގެ މައުލޫމާތުތަކުގެ ސަބަބުން ކޮމިއުނިޓީ ޓޫރިޒަމްގެ ތަފާތު ތަޖުރިބާތަކާއި ހިޔާލުތައް އެނގިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިހާތަނަށް އެ ސަރވޭ ކުރިއަށްގެންގޮސްފައިވާ ރަށްތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ހުޅުމާލެއާއި، ކ. މާފުށި، އަދި ކ. ދިއްފުށި ހިމެނޭ ކަމަށާއި އެ ތިން ރަށުގެ ސަރވޭ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
ކުރިއަށް އޮތްތާނގައި އެ ސަރވޭ ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ. ކެޔޮދޫ، ބ. ފުޅަދޫ، އަދި ބ. ފެހެންދޫ ހިމެނޭ ކަމަށާއި އެ ސަރވޭގެ ނަތީޖާއިން ލިބޭ މައުލޫމާތަކީ ރާއްޖޭގެ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމްގެ ކުރިމަގު ބައްޓަންކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.



