މަސްތުވާތަކެއްޗާއި ގޭންގު އަދި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން ނުކުންނަން ޖެހިފައި ވަނީ ނުރައްކާތެރި މާހައުލަކަށް ކަމަށްވާއިރު އެއާ އެއްވަރަކަށް ކޮަރަޕްޝަން ވެސް ރާއްޖޭގައި އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނިންމުމާ ގުޅިގެން ރޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ފައިސާ ބަހައި، ފައިސާ ދިއްކޮށް އަދި މަގާމުގެ ކުރިއެރުން ވެސް ދޭނެ ކަމަށް ބުނެ އެކި ފަރާތްތަކުން ވައުދުވާނެ ކަމަށެވެ. ނަމަވެސް އެ ތަކެތީގައި ނުހިފުމަށް މިނިސްޓަރު ނަސޭހަތްތެރިވިއެވެ.
”މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތި ތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ. މިފަދަ ބަލިމަޑުކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއް. އަޅުގަނޑުމެން މި ގޮތުގައި މަސައްކަތް ކޮށްފި ނަމަ މާތް ﷲގެ އިރާދަފުޅާ އެކު އަޅުގަނޑުމެން މި އެދޭ ފަދަ އަމާން ދިވެހިރާއްޖެއެއް ގާއިމް ވެގެންދާނެ،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންނާ މިހާރު ސަރުކާރުން ހަވާލު ކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރާއްޖެއިން މަސްތުވާތަކެތި އެއްކޮށް ނައްތާލުމާއި ގޭންގު ހަދައިގެން ކުށްކުރާ ގުރޫޕުތައް ގާނޫނުގެ ކުރިމައްޗަށް ގެނައުން އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުން ކަމަށެވެ. އަދި ކުށުގެ މާހައުލުގައި އުޅޭ ކުދިން އެ މާހައުލުން ނެރެ އެ މާހައުލު އެއްކޮށް ނަތާލުމަކީ ވެސް ފުލުހުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



