ޝެއިހް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ލޮލުގެ ފެނުމަށް ފަރުވާކޮށް، ސިއްހީ ޓެސްޓުތައް ހެދުމަށްޓަކައި ބޭނުންވާ ފައިސާ 24 ގަޑިއިރުތެރޭ ހަމަވެއްޖެއެވެ.
”އެހީ“ ޖަމިއްޔާގެ ”އެދިހަ“ ޕްލެޓްފޯމުން ދައްކާ ގޮތުގައި، ޝެއިހްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވެއެވެ. އެ ޕޯޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާ ލިބިފައެވެ. އެއީ 26،455.83 ޑޮލަރެވެ.
”އެދިހަ“ ޕޯޓަލުން އެނގޭ ގޮތުގައި ޝެއިހަށް މިހާތަނަށް 1،399 ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ޝެއިހް ވަނީ ދީނީ އެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، ދީނީ އެކި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ކުރައްވާފައެވެ.
ޝެއިހްގެ ލޮލުގެ ފެނުމަށް މައްސަލަ ދިމާވެ، 2019ވަނަ އަހަރާއި 2021ވަނަ އަހަރު ލޮލުގެ އޮޕަރޭޝަނެއް ކުރެއްވިއެވެ. ނަމަވެސް 2023ވަނަ އަހަރު ޝެއިހްގެ ހާލު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނެވެ. އަދި އޭގެ ފަހުން ޝެއިހްގެ ސިކުނޑީގައި ޓިޔުމަރެއް ހުރިކަން އެނގި އެ ޓިޔުމަރު ނެގުމަށް އޮޕަރޭޝަން ކުރަންޖެހޭތީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އެ އޮޕަރޭޝަން ވެސް ކުރިއެވެ.
އެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް، ޝެއިހްގެ ލޮލުގެ ފެނުން ގެއްލި، ދިމާވި ސިއްހީ މައްސަލަތަކާހުރެ، 17 އަހަރެއްހައި ދުވަހު އަދާކުރެއްވި ވަޒީފާ ގެއްލުނީއެވެ.
މީގެއިތުރުން ސިކުނޑީގެ ޓިޔުމަރު ނަގަން ކުރި އޮޕަރޭޝަނުގައި ޓިޔުމަރުގެ 75 ޕަސެންޓު ނެގި އިރު، އަނެއް 25 ޕަސެންޓުގެ ހާލަތު ބެލުމަށް ހަދަން ޖެހިފައިވާ އެމްއާރުއައި ސްކޭން އަދިވެސް ނުހެދެއެވެ. ދޭތެރެއަކުން ކިޑްނީގެ މައްސަލަ ވެސް ޝެއިހަށް ކުރިމަތިވެއެވެ.



