ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ އަހުމަދު އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވި ދެ މީހުން، އެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުގައި އިސްތިއުފުކުރަން އެ ދެ މީހުންގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.
އެ މައްސަލާގައި ދެން ދައުވާ ލިބުނު އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން ނިންމިއެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ސާބިތުވިއެވެ.
ޝަރަފްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި މީގެ ދެ ހަފުތާ ކުރިން އިސްތިއުނާފުކޮށްފަ އެވެ.
މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުދައްޔުގެ ބައްޕަ ބުނެފައިވަނީ އެ މީހުންނަށް ދޭން ބޭނުންވަނީ އެންމެ ބޮޑު އަދަބެއް ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ދޭން އުދައްޔުގެ ބައްޕަ އެދުނެވެ.




