ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ، މައި އެއާޕޯޓަށް ގެނައިފަދަ ތަރައްގީއާއި ކުރިއެރުން، މައި ވިޔަފާރި ބަނދަރަށްވެސް ގެނެސްގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާއި އެމް.ޕީ.އެލް ގުޅިގެން ހިންގި ”މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް“ ފުރިހަމަކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ކުރިއަށްގެންދިއުމުގައި އެމްޕީއެލްއިން އަދާކުރަނީ އާދަޔާޚިލާފު މުހިންމު ދައުރެއް ކަމަށާއި ރާއްޖޭގެ ޕޯޓްގެ ސިނާއަތް ތަރައްގީކޮށް ފުޅާކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެފަދައިން ކުރެވޭ އެންމެ ބޮޑު އެއްމަސައްކަތަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތާއި ޕޯޓުގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތްތަކަށް ސަރުކާރުގެ ރޭވުންތެރި މަގު ޗާޓެއް އެބައޮތްކަމަށާއި، އެކަމަށް ވާސިލުވުމަށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ކުޑަ ސެޓަލައިޓް ޕޯޓްތަކެއް ތަރައްޤީކުރުމާއި، އުތުރާއި ދެކުނުގައި ވިޔަފާރި މައި ދެ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނޭ. ކުރިއަށް ރޭވިފައިވާ މި މަސައްކަތްތަކާއެކު ޕޯޓުގެ ގޮންޖެހުންތަކަށް ޙައްލު އަންނާނެ.“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



