ސަރުކާރު ކުންފުނިތަކަށް އިންފޯމޭޝަން އޮފިސަރުން އައްޔަނުކުރުމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި އޮފިސަރުން އައްޔަނުކުރުމަށް ޕީސީބީން ކުންފުނިތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް އައްޔަންކުރާ އިންފޮމޭޝަން އޮފިސަރުން އައްޔަންކުރާއިރު، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި މީހުން އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީ.ސީ.ބީ) އިން އަންގާފައިވާ ކަމަށެވެ.
މިއީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ހާމަކަންބޮޑު ގޮތެއްގައި އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ފުރިހަމައަށް ތަންފީޒުކުރުމަށް ކުންފުނިތަކަށް ބާރުއެޅުމަށް ޕިސީބީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް އެންގި އެންގުމެއްކަމަށް ޕީސީބީން ހާމަކުރެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީ.ސީ.ބީ) ގެ ރައީސް، މުހައްމަދު އަނަސް ސޮއިކުރައްވާ މިއަދު ނެރުނު ސަރކިއުލާ އެއްގައި ބުނީ، ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން، ސަބްސިޑިއަރީ ކުންފުނިތައްވެސް ހިމެނޭގޮތަށް ކުންފުނީގެ ފަރާތުން އާއްމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމާއި، ކުންފުންޏާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، މައުލޫމާތުދިނުމުގެ ކަންކަން ބެލެހެއްޓުމަށް އިންފޮމޭޝަން އޮފިސަރު އައްޔަންކުރަން އަންގާ ކަމަށެވެ.
ޕީ.ސީ.ބީ އިން ބުނީ ކުންފުނިތަކުގައި މިހާރުވެސް އިންފޯމޭޝަން އޮފިސަރުންގެ ޒިންމާއަދާކުރާ ފަރާތްތަކާއި އަދި އަލަށް ޢައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ޤާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ނުވަތަ (ޤާނޫނު ނަންބަރު: 1/2014) ”މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު“ އަދި އެ ޤާނޫނާއި ގުޅޭ އެންމެހާ އުސޫލުތައް ރަނގަޅަށް ދަންނަ ފަރާތަކަށްވުން މުހިއްމުކަމު ކަމަށެވެ.
އަދި ޢައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންނަށް ވަކި ސްޓާފް އީމެއިލް އެޑްރެހެއްގެ ބަދަލުގައި، އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް އެދޭ ކަމަށެވެ.
މީގެ އިތުރަށް އިންފޮމޭޝަން އޮފިސަރުން ބަދަލުވާ ހާލަތުގައިވެސް ކުންފުންޏަށް ހުށަހެޅޭ ހުރިހާ އާރްޓީއައި ރިކުއެސްޓްތަކާއި ގުޅޭ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަށް، އިންފޮމޭޝަން އޮފިސަރުންނަށް އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް ޕީސީބީ އިން ވަނީ އެދިފައެވެ.
މީގެ އިތުރަށް ކުންފުނިން ޢައްޔަނުކޮށްފައިވާ އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު، ނަން، ގުޅޭނެ ނަންބަރު،އާރްޓީއައި ރިކުއެސްޓް ފޮނުވާނެ އީމެއިލް އެޑްރެސް، އާންމުންނަށް ފަސޭހައިން ފެންނާނެގޮތަށް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ހުންނަންވާނެ ކަމަށްވެސް ޕީސީބީން ކުންފުނިތަކަށް ފޮނުވި ސަރކިއުލާގައި ބުނެފައިވެއެވެ.
ޕީސީބީން އިތުރަށް ބުނީ، އިންފޮމޭޝަން އޮފިސަރުގެ މަގާމަކީ، އެވަގުތު ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކަށް ހަވާލުކުރާ މަގާމަކަށް ވުމުން، އިންފޮމޭޝަން އޮފިސަރެއް އައްޔަނުކުރުމަށް ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާޙުކުރަން ނުޖެހޭނެ ކަމަށެވެ.
އަދި އިންފޮމޭޝަން އޮފިސަރު ކަނޑައަޅަން ވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ބޯޑުގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، މި ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން ޢަމަލުކުރުމަކީ، ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުން، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމުކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.


