ށ. ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ ކަނޑުވި އުމުރުން ދުވަސްވީ މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު މިއަދު މެންދުރު 11:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހަކު، ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށާއި މިމީހާއަކީ 68 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
”އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފައި. މީހާގެ ހާލު ރަނގަޅު. މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވޭ.“ ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ނަސޭހަތްތެރި ވެފައެވެ.




