ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު އަންގައިފިއެވެ.
ޕީ.ސީ.ބީ އިން ބުނީ މިގޮތަށް ނިންމާފައިވަނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާގައި ކަމަށެވެ.
ޕީސީބީގެ ބޯޑުން ނިންމާފައިވަނީ ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށާއި، އެގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުމަށެވެ.
އިންޓަރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި، އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށާއި، އަދި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައިވެސް، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ވަނީ އަންގާފައެވެ.
ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓަރނަލް އޮޑިޓަށް، ޕްރިކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގާފައިވެއެވެ. އަދި ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާއި ގުޅޭ ލިޔެކިޔެންތައް، ހިއްސާކުރާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ.



