ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ސާބިތުވެފައިވާ ހުސެއިން ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ 7 ދައުވާވެސް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައާ ގުޅިގެން 2023 ވަނަ އަހަރު ހައްޔަރުކުރުމަށްފަހު ޝިފާއު ދޫކޮށްލުމުން ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް އޭނާ ރާއްޖެއަށް ގެނައީ އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެންނެވެ.
އެގޮތުން އެ މައްސަލާގައި ދަޢުލަތުން އޭނާގެ މައްޗަށް ވަނީ 23 ދައުވާއެއް އުފުލާފައެވެ.
އޭގެ ތެރެއިން 16 ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެފައިވާކަމަށް މިދިޔަ ނޮވެމްބަރު މަހު ކަނޑައަޅާފައި ވާއިރު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ނިންމެވީ އެ މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ 7 ދައުވާ ވެސް ސާބިތުވާ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ދައުލަތަށް ނަގަން އެދުނަސް، އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ނަދީމް ވަނީ ވިދާޅުވެފައެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ ޝިފާއުގެ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހު ބާއްވާން ނިންމާފައެވެ. މިގޮތުން އެ ދުވަހު ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމުގެ މަރުހަލާ އެއްކޮށް ނިންމަވާނެ ކަމަށްވެސް ގާޒީ ނަދީމް ވިދާޅުވިއެވެ.



