ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ އެ ޓާމިނަލުން ހިދުމަތް ދޭން ފެށި 32 ވަނަ އެއާލައިނެވެ.
ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުއެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް، ށޤ432އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ ފްލައިޓެކެވެ. މިއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރެވެ.
ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 28 މާރިޗް 1984 ގައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.



