މާލޭގައި މީދާ ގިނަވުމުގެ ސަބަބުން، ރައްޔިތުންނަށް ކުރިމަތިވަމުންދާ އުދަގޫތައް ހައްލުކުރުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ޚާއްޞަ ހަރަކާތެއް މިއަދު ފަށައިފިއެވެ.
މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލްގެ ހެލްތް ޕޮލިސީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމެވެ.
މި ހަރަކާތް ފަށާފައި ވަނީ މާލޭގެ އެންމެ ކާރުބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ ލޯކަލް މާރުކޭޓް ސަރަހައްދުން މިއަދު ހެނދުނުއެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގައި މީދާ ގިނަވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަ ކަމުގެ ގިނަ ޝަކުވާތަކެއް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.
މާލެއިން މީދާ މަދުކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވަމުން، މޭޔަރު ޢާޒިމް ވިދާޅުވީ، މި ހަރަކާތް މިއަދު ލޯކަލް މާރުކޭޓް ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން މޭޔަރު ޢާޒިމް ވިދާޅުވީ، މި ހަރަކާތް ހިންގަނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި، މީދާ މަރާނީ، މީދާ މަރާ ބޭސް، އެކި ތަންތަނަށް އަޅައިގެން ކަމަށެވެ.
އަދި މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ، މީދާގެ އުދަގޫތައް ކުޑަވެގެންދާނެކަމަށް ވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މި ހަރަކާތުގެ ތެރެއިން މީދާ މަރުވުމުން، އެ މީދާތައް އެއްކޮށް ނެގުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެއެވެ.
މި ހަރަކާތުގައި މާލެ ސިޓީގެ މޭޔަރު ޢާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސާގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.




