ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ޙަރާމްކަމެއްކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ.
މިގޮތަށް ކަނޑައަޅާފައި ވަނީ ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ އާންމު ފަރާތަކުން ”މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ޙުކުމް ސާފުކޮށްދިނުމަށް“ އެދި ފަތުވާ މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެން އެ މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތުމަށްޓަކައ،ި ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމި ގޮތް ކަމަށް ބުނެފައި ވެއެވެ.
ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނީ މޮނިއުމެންޓްގެ ގޮތުގައި ފުރާނަހުރި ތަކެތި ބެހެއްޓުމަކީ ޙަރާމްކަމެއް ކަމަށެވެ. އަދި އެއީ ބުދު ބެހެއްޓުން ނަހީކުރައްވާފައިވާ ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެ ފަތުވާގައި ވެެއެވެ.
އަދި ޤިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެކަމަށް ޙަދީޘްފުޅުތަކުން އެނގޭކަމަށާއި އެހެންކަމުން، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް އެ ފަތުވާގައިވެއެވެ.
ހަމައެހެންމެ ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވާ ކަމަށާއި، މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަޙްރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، އަދި اللهގެ ޚަލްޤުކުރެއްވުމާ އެއްފަދަކުރުން ހިމެނޭ ކަމަށާއި މިކަމުގެ މުހިންމުކަން ރަސޫލާ (ޞޢވ) މައްކާ ފަތަޙަކުރެއްވި ދުވަހު މަނާތު، ޢުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމުންނާއި، އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައިވެސް ޞަޙާބީން މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމުން މިކަމުގެ މުހިންމުކަން ހާމަވާ ކަމަށްވެސް އެ ފަތުވާގައި ވެއެވެ.
އެ ފަތުވާގައި ބުނީ ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، ޢިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށާއި، މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުޢާކުރެއްވި ކަމަށެވެ.
ނަމަވެސް ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތަކަކީ އެ ޙުކުމުން އިސްތިސްނާވާ ތަކެތި ކަމަށާއި ޢިލްމުވެރިންގެ އަރިހުގައި އެއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވެގެންވާ ކަމެއް ކަމަށް އެ ފަތުވާގައި ވެއެވެ.



