ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް އޮފީސްތަކުގައި ޤާއިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވޯކް ޕްލޭސް އިންކްލޫޝަންގެ ނަމުގައި ހެލްތު މިނިސްޓްރީއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާ އަދާކުރާ އެންމެހާ އޮފީސްތަކުގައި ”ޑިސެބިލިޓީ އިންކްލޫސިވް ވާރކްޕްލޭސް“ ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހެލްތު މިނިސްޓްރީ އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ މި ސެޝަންގައި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވައިދާއި، އެކުލެވިގެންދާ މިންގަނޑުތަކާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ އާއި ގުޅޭ ގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
ހަމައެހެންމެ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ކުރިން ދެކެމުންއައި ގޮތްތަކާއި، އެ ވިސްނުންތައް ބަދަލުކޮށް އެފަރާތްތައް ވެސް ޝާމިލުކޮށްގެން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މި ސެޝަނުގައި މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްޤު ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.



