ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް، ގެނެސްދެއްވެން އޮތް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ޔަގީންކަން ދެއްވާފައި ވަނީ، މާލޭ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއެކު ރޭގައި އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ އެ މަޝްވަރާ ބައްދަލުވުމުގައިވެސް އެންމެ ގިނަ ބަޔަކު ހިއްސާކުރީ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުންތައް ކަމަށްވާއިރު، ރައީސް މުޢިއްޒު ވަނީ ކޮންމެ ރައްޔިތެއްގެ ހިޔާލާއި، ފާޅުކުރެއްވި ޝުޢޫރަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މިއިން ކޮންމެ ކަމަކީވެސް، ސީރިއަސްކަމާއެކު ބައްލަވާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން، 4000 ހައުސިންގ ޔުނިޓްގެ ޑައުންޕޭމަންޓާއި، އެއަށްފަހު މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން، އެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރެވިފައި އޮތް ނަމަވެސް، އެ ގޯތިތައް ކަނޑައިނުދެވި ލަސްވަމުންދާ ދިއުމާ ގުޅިގެން އާންމުން ހުށަހެޅުއްވި ޝަކުވާތަކަށްވެސް ޖަވާބުދާރީވެވަޑައިގެންފައެވެ.
އެގޮތުން، ގުޅިފަޅުން ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވި ކުރައްވައި، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ގޯތިތައް ހައްގުވެރިންނާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
”ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް، އަދި ވަކީން ޚާއްސަކޮށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ. އެހެންކަމުން އަޅުގަނޑުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، މީގެ ކުރިން ހަވާސާ ކުރެވިފައިވާ ގިންތިއަށްވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ. މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ނެތްއިރު، މި ސަރުކާރުން ހިންގަވާ ފުރަތަމަ މަޝްރޫޢުންވެސް، މިފަދަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީއިން ހައްގު ފަރާތްތަކަށް، ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީގެ އަވަށްތަކުގެ ތެރެއިން ގަލޮޅަކީ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރެވިފައިވާ ފްލެޓްތައް އެންމެ ގިނަ ސަރަޙައްދަށް ވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން ވަނީ އެމީހުން ތަހައްމަލުކުރާ ތަކުލީފުތައް ރައީސްއާ ހިއްސާކުރައްވާފައެވެ.
މިކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ކޮންމެ އެހީއެއް ފޯރުކޮށްދެއްވުމަށްވެސް އެމަނިކުފާނުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވެ، އެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މީގެ ކުރިން މަޢާފުކޮށްދެއްވާފައިވާ ކުލީގެ ފައިސާ ހިމެނޭހެން ބިލުކުރެވެމުންދާކަމުގެ ޝަކުވާ ރައްޔިތުން އުފުއްލެވިއިރު، އެކަން އެހެން ކުރެވިގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރޭގެ ބައްދަލުވުން ނިންމަވާލައްވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ އިތުރު ބައްދަލުވުންތަކަށް ވަގުތުހުސްކޮށްދެއްވާނެކަމުގެ ޚަބަރު ވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.



