ސިނަމާލެ ފްލެޓުގެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް، ސަރުކާރުން ސީދާ ވަދެގެންވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ފަށާފައިވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ގަލޮޅުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކއވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސިނަމާލެ ފްލެޓްތަކުގެ މައްސަލަތައް ހައްލުކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް، އެކަން ކައުންސިލަށް ނުކުރެވޭތީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި ދުވަސްވަރު، މި ފްލެޓުތަކުގެ ހުރިހާ ޖޫރިމަނާތަކެއް ކެންސަލްކުރެއްވިކަން ވެސް ފާހަގަކުރައްވާފައެވެ.
”ސިޓީ ކައުންސިލުގެ ޒިންމާއަކީ ފްލެޓުތަކުގެ މެއިންޓެއިނަންސްގެ މަސައްކަތްތައް ކުރުމާއި، އެތަންތަނާ ގުޅޭ އެހެނިހެން ކަންކަން ބެލެހެއްޓުން. އެހެންނަމަވެސް، އެކަންކަން ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް މިވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނަން. ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަށް ނުކުރެވޭ ހާލަތެއްގައި ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެންވިޔަސް، މި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަންވެސް ހޯދައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު، މި 6 ފްލެޓުގައި އުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި މައްސަލަތަކަަށް ހައްލު ގެނެސްދެއްވާނީ އެކަމަށް އޮންނަ އުސޫލެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



