ޖުވާ ކުޅުމަކީ މީގެކުރިން ޖިނާއީ ކުށެއް ނޫން ނަމަވެސް އެކަން ޖިނާއީ ކުށަކަށް މިހާރު ހެދުމަށްޓަކައި ގަވާއިދު އިސްލާހުކުރަން ހުށަހަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ފަށާފައިވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ގަލޮޅުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އިމާދުއްދީން ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖުވާ ކުޅުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ޤާނޫނުލްއުގޫބާތުގައި މިހާތަނަށް ކުށެއް ނޫން ކަމަށެވެ.
”އެއީ ރާއްޖޭގައި ޖިނާއީ ކުށެއް ނޫން. އެހެންވީމަ މިހާރު އަޅުގަނޑުމެން ޖިނާއީ ކުށެއްގެ ގޮތުގައި ހިމަނަން ފޮނުވައިފިން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިއީ މުޖުތަމައުގައި ހައްލު ނުކުރެވި ހުރި ބޮޑެތި މައްސަލަތައް ކަމަށާއި އެކަންކަން ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިއުލާނު ކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ޖުވާ ކުޅުމާއި އެފަދަ އެއްވެސް ކަމެއް އެ ގާނޫނުގައި ނުހިމެނެއެވެ. އެހެންކަމުން ރައީސް ހުށަހަޅުއްވާފައިމިވަނީ މިހާރު އެކަން ބަދަލުކޮށް، އެ ގާނޫނު އިސްލާހު ކުރެއްވުމަށެވެ.




