މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ހަފްތާ ބުދަ ދުވަހު ފާހަގަ ކުރި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިން ވަނީ ޖެހިޖެހިގެން ދެ ދުވަހު ދޯނިތަކުގައި ކަންބޮޑުވުންތައް ފާޅުކޮށް މާލެ ފަޅު ބޭރުގައި މުޒާހަރާކޮށްފައެވެ.
އެގޮތުން ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އެ މުޒާހާރާ ފުލުހުން ރޫޅާލުމަށް ދޯނިތަކަށް އަރައި، ޖުމްލަ ތިން މީހަކު ހައްޔަރު ކުރި އެވެ. އަދި އެމީހުންގެ ބަންދަށް ކޯޓުން މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ދީފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލައިގައި ބަންދު ކުރި އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ބަންދުގައި ތިބި ދެ މީހުން ދޫކޮށްލީ އިއްޔެ ކަމަށާއި އެ ދެމީހުން ދޫކޮށްލީ ތަހުގީގަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.



