އއ. އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ މީހާއަކީ އެ ރަށު ”ލަ ޕަލްމާ ސޫޓްސް“ ގައި މަޑުކުރި ފިރިހެނެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އެގޮތުން ގެއްލިގެން ހޯދަމުންދަނީ ރޯމަން ލުރޮޗްކިން ކިޔާ، އުމުރުން 48 އަހަރުގެ މީހެކެވެ.
އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ، އެ މީހާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އުކުޅަހު ކައުންސިލުން ވަނީ، ފަތުރުވެރިޔާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށް، ކަމާ ގުޅޭ އިދާރާތަކަށް އަންގައިފައިވާ ކަމަށް ވެސް ބުނެފައެވެ.
ލަ ޕަލްމާ ސޫޓްސްއިން ބުނި ގޮތުގައި އެ މީހާ އެ ހޮޓަލަށް ޗެކްއިން ވެފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.
އުކުޅަހު ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510 އަށް ގުޅުމަށް އެދިފައެވެ.


