ހދ މަކުނުދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތްތައް ނިންމައި ކަމިޝަންކޮށްފިއެވެ.
މަކުނުދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ.
މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްގެން ނިންމާފައިވާ ނަރުދަމާ ނިޒާމެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ޤާއިމް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުން ހިމެނޭ ކަމަށެވެ.
ްައަދި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ތެރެއިން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުން އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމުގެ އިތުރުން ސުވެޖް ޓްރީޓްމެންޓް ޕްލާންޓެއް ބެހެއްޓުން ހިމެނެއެވެ.
އަދި މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބެހެއްޓުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



