މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ”އަހަރީ ރިވިޔު“ ފަށައިފިއެވެ.
މި ރިވިޔު ފެށީ މިއަދު ހެނދުނު އެ ކަމަށް ޓަކައި މިނިސްޓްރީގެ ’ކުޅިވަރު ފެންޑާ‘ ގައި ބޭއްވި ކާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ރިވިޔު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ އަލްއުސްތާދު މޫސާ ފަތުޙީ އާދަމް ވާހަކަފުޅު ދެއްކެވިއެވެ.
އަހަރީ ރިވިޔުގެ މައިގަނޑު މަޤުޞަދަކީ މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން 2025 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަށް ރޭވިފައިވާ ކަންކަން ހުށަހަޅައި ދިނުމެވެ.
އެ މިނިސްޓްެރީގެ އަހަރީ ރިވިޔު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
އެ މިނިސްޓްރީން ބުނީ އަހަރީ ރިވިޔުގެ ފުރަތަމަ ދަންފަޅި ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހެނދުނު 10:00 އިން 11:50 އަށް މިނިސްޓްރީގެ ރަށްވެހި މާލަމުގައި ކަމަށެވެ.
އަދި ދެވަނަ ދަންފަޅި ކުރިއަށް ދާނީ މާދަމާ ހެނދުނު 09:00 އިން 12:00 އަށް ކަމަށް ސިޓީތަކާ ބެހޭ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.




