ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސްރީ ލަންކާގެ ގައުމީ އެއާލައިން, ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއެވެ.
އެމްއޭސީއެލް އިން ބުނީ އެ ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ހަދިޔާ ދީފައި ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
”ޓާމިނަލް 1 އަށް ކައިރި ކުރި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި“ އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
އެމްއޭސީއެލް އިން ބުނީ ސްރީލަންކަން އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ދެވަނަ އެއާލައިން ކަމަށެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ސެޕްޓެންބަރު 1979 ގައެވެ.
އެމްއޭސީއެލް އިން ބުނީ ސްރީލަންކަން އެއާލައިންސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 33 އެއާލައިނަކަށް ހިދުމަތް ދެމުން ކަމަށާއި އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.



