ބޭންކް އޮފް މޯލްޑިވްސްގެ ”ސްޓާޓްއަޕް ގްރާންޓް 2025“ ލިބޭ ފަރާތްތައް ހާމަކޮށްފިއެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ.
ބީއެލްއެމްއިން ވަނީ މި އަހަރު 3 ފަރާތަކަށް ސްޓާޓްއަޕް ގްރާންޓް ދީފައެވެ.
ބީއެމްއެލްއިން ބުނީ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ވާދަވެރި އިވެލުއޭޝަނަކަށް ފަހު ކަމަށެވެ.
މި އަހަރު ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓް ފުރަތަމަ ލިބިފައި ވަނީ، އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއެކު ފެމެލީ ކެފޭއެއް ޤާއިމުކުރުމަށްޓަކައި ”ރަށި ޕާކް“ގެ ނަމުގައި ޕްރޮޕޯސަލް ހުށައަޅާފައިވާ އިބްރާހީމް މިފްޟާލް ފަޔާޟްއަށެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަކުދިން ކުޅުމަށްޓަކައި އިންޑޯ ޕާކުގައި ވަޞީލަތްތައް ޤާއިމުކުރުމާއި، ބެލެނިވެރިންނަށް ކާބޯތަކެއްޗާއި، ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އައްޑޫ ސިޓީގައި ތަރައްޤީ ކުރާ މިފަދަ ފުރަތަމަ ޕާކެވެ.
ދެވަނައަށް ހޮވިފައިވަނީ، ”ރަށު ޕްލާސްޓިކް ޕްރޮޖެކްޓް“ގެ ނަމުގައި މުޙައްމަދު މިމްރާޙް ހުށައަޅާފައިވާ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ތަކެތި އުފެއްދުމަށް ހުށައަޅާފައިވާ ޕްރޮޕޯސަލްއަށެވެ. މި މަޝްރޫޢުގެ ރީސައިކްލިންގ ސެޓަޕް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ވ.ފެލިދޫގައެވެ. މީގެ ދަށުން އެއްކުރާ ޕްލާސްޓިކް ބޭނުން ކޮށްގެން ގަޑިއާއި، ކީޗެއިން އަދި އަވިއައިނު ފަދަ ވިއްކޭނެ ބާވަތްތަކުގެ ތަކެތި އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ ސްޓާޓްއަޕް 3 ވަނަ ގްރާންޓް ލިބުނީ، ހުޅުމާލޭ ފޭސް 2 ގައި ލޭޑީބަރޑް ކިންޑަރގާޑެންއެއް ތަރައްޤީކުރުމަށްޓަކައި ޝައްމާ ނަދީމަށެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢުމުރުން 3 އަހަރާއި، 6 އަހަރާއި ދެމެދުގެ ކުދިންނަށް، އެކުދިންގެ ޢުމުރާ ގުޅޭ ޙަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ކަރިކިއުލަމްގެ ސްޓޭންޑަޑްތަކާ އެއްގޮތަށް ދީނީ ތަރުބިއްޔަތު ދިނުމަށް އިސްލާމިކް އަރލީ ލަރނިންގ ސެންޓަރެއް ޤާއިމުކުރަން ހަމަޖެހިފައި ވެއެވެ.
މިއީ ވިދިވިދިގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ދޭ 4 ވަނަ އަހަރެވެ.




