އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަންހާމަކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްގެވެސް ވިޔަފާރި ކުރިއެރުވުމަށް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތުތައް އެ ސިނާޢަތް ފުޅާކުރުމާއި ގުޅިފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމަށް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
”އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު އަލީބާބާ ޑޮޓްކޮމްގައި އުފެއްދުންތައް ވިއްކޭނެގޮތް މިއަދު މި ހަމަޖެހިގެން ދިޔައީ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އަލީ ބާބާގައި އެ 400 ފަރާތުގެ އުފެއްދުންތައް ވިއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.


