ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަޔޯމެޓްރިކްސް ދޭން ސަރުކާރުން ދިން މުއްދަތު ހަމަވިއިރު، ބަޔޯމެޓްރިކްސް ނުދީ ތިބި 500 ބިދޭސީއަކު މިހާތަނަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ އެންމެންނަކީ ސަރުކާރަށް އެމީހުންގެ މައުލޫމާތު އެނގޭ އަދި ޒިންމާވާނެ ބަޔަކު ތިބި މީހުންނަށް ހަދަން ހިންގާ އޮޕަރޭޝަން 2027 ވަނަ އަހަރުގެ މެއި މަހުގެ 1 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެހާ ހިސާބަށް ރާއްޖޭގައި ގަވައިދާ ހިލާފަށް ތިބޭ ހުރިހާ އެންމެން ހިފައި ހައްޔަރުކޮށް ރާއްޖޭން ބޭރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”15 ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ޑީޕޯޓު ކޮށްފަ“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
އެ އަދަދާއެކު މި ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކުރި ބިދޭސީންގެ ޖުމްލަ އަކީ މިހާރު 9،695 ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



