އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ޕްރޮގްރާމްގައި ރޭ 23 ބިދޭސިއަކާ ސުވާލުކޮށް، ގަވައިދާ ހިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.
އެހެންކަމުން ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ރޭގައި ވަނީ އެ މަސައްކަތް ފަށާފައެވެ.
އެގޮތުން އެ މަސައްކަތުގެ ދަށުން ރޭ ދަންވަރު 23 ބިދޭސީއަކާ ސުވާލުކޮށް، ގަވާއިދާ ހިލާފަށް އުޅުނު އެއް ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ނިންމާފައި ވަނީ ރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މާލެ އާއި ހުޅުމާލޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރާށެވެ.




