ނޯތު ހާބަރު ސަރަހައްދުގެ ބަނދަރު ބޭނުންކުރާ ދޯނިފަހަރުތަކަށް ވަގުތީގޮތުން އެހެން ސަރަހައްދެއް ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 08 ޑިސެމްބަރު 2025 އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރ ސަރަހައްދުގެ މަސައްކަތް 20 ޑިސެމްބަރު 2025 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
”މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެން. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް 19 ޑިސެންބަރު 2025 ވަނަ ދުވަހުގެ 0:00ގެ ނިޔަލަށް ނެގުމަށް މި ކުންފުނިން ވާނީ އިއުލާންކޮށްފަ“ އެމްޕީއެލްއިން ބުނެފައިވެއެވެ.
އަދި އެ ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެހެންކަމުން މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ހުސްކޮށް، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތައް އެއްބާރުލުން ދިނުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ. އަދި މި މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި، އޮޑި ދޯނި ފަހަރަށް ދަތިނުނުވާނެ ގޮތަށް، ޚިދުމަތްއް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ އަރުވާފައެވެ.



