ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ޝްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފް އިން މިއަދު ”އެކްސް“ މެދުވެރިކޮށް ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ މައުލޫމާތުގެ އަލީގައި ކަމަށެވެ. އަދި މި ބޯޓުތައް ހިފެހެއްޓީ އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެންޑީއެފް އިން ބުނީ ޝްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 08:30 ހާއިރު ކަމަށެވެ. އެއީ އެ ބޯޓުތައް ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް ވެސް އެމްއެންޑީފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން މިހާރު ވަނީ މި ދެ ބޯޓު، ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.



