ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް 80 ވަރަކަށް ޕަސެންޓު މަދުކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ، ޒަމާނީ ސެކިއުރިޓީ ވަސީލަތްތައް ޖަލުތަކުގައި ގާއިމުކުރެވިފައި ނެތް ކަމަށާއި އެގޮތުން، ސެކިއުރިޓީ ކަންކަމަށް ޖަލުތަކުގައި ހުރީ ވަރަށް އާދައިގެ ޑިޓެކްޓަރުތަކެއް ކަމަށެވެ.
އެހެންކަމުން އެ ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ދަތިތައް އެބަހުރިކަން ޒަރީރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ކުރެވުނު މަސައްކަތުން މި އަހަރު ޖަލުން ސްކޭމް ކޯލު ވަނީ 80 ވަރަކަށް ޕަސެންޓު މަދުކުރެވިފައި“ ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، ޖަލުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ސެންޓްރަލް ކޮމާންޑެއް އުފައްދައިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ސްކޭމް މަދުކުރަން މިހާތަނަށް ޖަލުތަކުގައި މަސައްކަތްތައް ކުރި ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.




