ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، ދައުލަތުން ގިނަ ދައުވާތަކެއް އުފުލާފައިވާ ހުސެއިން ޝިފާއު 109 އަހަރަށް ޖަލަށް ލައި، 7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި މީހަކަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
ޝިފާއުގެ މައްޗަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އެހެންކަމުން މި މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމް މިއަދު ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ ކުރިން ވަނީ ނިންމަވާފައެވެ.
ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި 2021 ވަނަ އަހަރު ވެސް ފުލުހުން ވަނީ ޝިފާއު ހޯދަން އިއުލާންކޮށްފައެވެ. އަދި އެ މައްސަލައިގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28ގައި އޭނާ ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް އޭނާ ދޫކޮށްލުމުން ފުރައިގެން ދިޔައީ ރާއްޖޭން ބޭރަށެވެ.
އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އަދި، ފިލައިގެން އުޅުމަށް ފަހު ރާއްޖެ އައުމާ އެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.
ޝިފާއުއަކީ މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަންކުރި މީހެކެވެ. ނަމަވެސް އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ.


