ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓިނޯ ގަނެސަން (27އ) އާއި އަރުޖުން ކުއްޕަން (25އ) އަދި އަނީޝް ޕުޝްޕަކަރަން (33އ) އެވެ.
މި ތިން މީހުންނަކީވެސް އިންޑިއާ ރައްޔިތުންނެވެ.
ފުލުހުން ބުނީ އެ ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނީ މި ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ވަނީ ބަލައިފާސްކޮށްފައެވެ.
ފުލުހުން ބުނީ އެ އެޕާރޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އާއި 12 ޓައްޕު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



