އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް ޔޫތު މިނިސްޓްރީއާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކެރެޓަރީ ފާތިމަތު އަހުމަދުއެވެ. އަދި އެމްއެމްބީސީގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާއި ގުޅިގެން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެއް ކަމަށެވެ.
އަދި މި އެމްއޯޔޫއަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިއުމަށް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން މިނިސްޓްރީއާ ހިއްސާކުރުމާއެކު އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.



