ހދ. ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހދ. ހަނިމާދޫގައި ރޭ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވާ ކަމަށެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.
އެ މަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރައީސްގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ މިހާރު ވަނީ ފުއްދަވާފައެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން މެލޭޝިއާ، ސްރީލަންކާގައި އައިޑީ ކާޑުގެ ޚިދުމަތް މިހާރު ފަށާފަވާއިރު އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.



