ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުއްޔާއި އެޑްވާންސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިްއްޒު ކުޑަކޮށްދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ރޭ ޞަލާހުއްދީން ސްކޫލުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެފްޑީސީން ފްލެޓް ލިބުނު ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ތަންތަން ލިބުނު ފަރާތްތަކުގެ މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްޔާއި އެޑްވާންސް ބޮޑުވުންކަމަށެވެ.
ރައީސް ވިދާޅުވީ އެފްޑީސީގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާގެ ޑައުންޕޭމެންޓެއް އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަން އޮތް އޮތުމަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
އަދި މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމަ މިއާއެކު، 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީވެސް 1 މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ފޭސް 2 ގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމަށް، އެޗް.ޑީ.ސީއިން މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.



