މި ފެށޭ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިތުރު ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވާ ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނީ“އެކްސްޕޭންޑިންގް އެންޑް ސްޓްރެންތިންގް ރެސްޓްރިކްޝަން އެންޓްރީ “ ނަމުގައި ނެރުނު ގަރާރަކީ އެމެރިކާގެ އަމިއްލަ ސަލާމަތަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ބަޔާނުގައިވާގޮތުން އެމެރިކާއަށް އެތެރެވުން މަނާކުރަން އިތުރުކުރި 7 ގައުމުގެ ތެރޭގައި ބުރްކީނާ ފަސޯ އާއި މާލީ، ނައިޖާ އަދި ދެކުނު ސޫދާނާއި ސީރިޔާ ހިމެނެއެވެ.
އަދި ފަލަސްތީނުގެ އިދާރާއިން ދޫކޮށްފައިވާ ލިޔުން ބޭނުންކޮށްގެން އެމެރިކާ އަށް މީހުން އެތެރެވުން މަނާކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އިތުރު 15 ގައުމަކަށް ޕާޝިއަލް އެންޓްރީ ރެސްޓްރިކްޝަންސް އާއި ވިސާ ލިމިޓެޝަން ވެސް ކަނޑައަޅާފައެވެ. ރޮއިޓާސްގެ ރިޕޯޓެއްގައިވާ ގޮތުން ވައިޓް ހައުސްއިން އަދި މިހާތަނަށް އެ ލިސްޓް އާންމުކޮށްފައެއް ނުވެއެވެ.
ބައެއްގައުމުތަކުން އެމެރިކާއަށް އެތެރެވުން މަނާ ކުރި ނަމަވެސް ރަށްވެހިކަން ލިބިފައިވާ ފަރާތްތަކާއި ދާއިމީ ގޮތެއްގައި ދިރިއުޅޭ މީހުންނާއި، އެތުލީޓުންނާއި ޑިޕްލޮމެޓުން ފަދަ ވަކި ވިސާ ކެޓަގަރީތަކުގެ މީހުން އިސްތިސްނާވާނެއެވެ.



