ފަލަސްތީނުގެ ޣައްޒާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން އެއް މަހުގެ ތުއްތު ކުއްޖަކު ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޝަހީދުވެފައި ވަނީ އެއްމަހުގެ ސައީދު އުސައިދު އަބްދުއްދީން އެވެ. އެ ކުއްޖާ ޝަހީދުވުމާއެކު ފިނީގެ ސަބަބުން ޝަހީދުވީ މީހުންގެ އަދަދު 13 އަށް ވަނީ އަރާފައެވެ.
ގެދޮރު ސުންނާފަތިވެ، ޓެންޓްތަކުގައި ދިރިއުޅެމުންދާ ހާލުގައިޖެހިފައިވާ މީހުންނަށް މޫސުމީ ގޮތުން ކުރަމުން އަންނަ ގަދަވިއްސާރަޔާއި ފިނީގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން ދިރިއުޅެމުންދާ ޓެންޓްތަކަށް ފެންވަދެ ފިނިން ރައްކާތެރިވުމަށް އެ މީހުން ވަނީ ނުކުޅެދިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 70،669 އަށް އަރާފައެވެ. ޣައްޒާގެ އުތުރާއި މެދުތެރޭ ޣައްޒާގައި ހަލާކުވެފައިވާ އެތައް ސަތޭކަ އަވަށްތަކަށް ރެސްކިއު ޓީމުތަކަށް ނުދެވޭތީ އެ އަދަދުތައް އަދިވެސް އިތުރުވާނެ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެ ދެމެދުގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ އިޢުލާނު ކުރި ފަހުން މިހާތަނަށް 395 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 1،088 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.




