އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!“ މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ސިކުނޑިއާއި، ލޮލާއި، ގުނަވަންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށެވެ.
ހުތުބާގައި ބުނީ މާތް الله ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އަހަރެމެން ވިސްނައި ފިކުރުކުރުމުގެ ބާރުކަމުގައިވާ ބުއްދި ހިމެނޭ ކަމަށާއި ހެޔޮ ގޮތުގައި ވިސްނައި ފިކުރުކުރުމަކީ، އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުން ކަމަށެވެ.
އަދި ފެނުމުގެ ނިޢުމަތް އެކަލާނގެ އަހަރެމެންނަށް ދެއްވި ކަމަށާއި އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، ލޮލުގެ ބޭނުން ހިފާންޖެހޭ ކަންކަމުގައި، އެ ގުނަވަނުގެ ބޭނުންހިފުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހޭ ކަމަށެވެ.
”އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭނެ. މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް މަގުހިނގާ މީހުންގެ ޙައްޤުތަކާއި، މަގު ބޭނުންކުރާ މީހުން ތަބަޢަވާންޖެހޭ އުޞޫލުތަކާއި، ވާޖިބުތަކެއް ހުރި ކަމަށާއި އެ ޙައްޤުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިން ކަމަށެވެ.
މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން ކަމަށާއި އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި އެއީ އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗަކަށްވާތީ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމް ދީނުގައި، ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނެތް ކަމަށެވެ.
”(لَا ضَرَرَ وَلَا ضِرَارَ) މާނައީ: ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނުވެއެވެ.“ މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ، އުޅަނދުފަހަރު ދުއްވާ މީހުން ޤަވާޢިދާ ޚިލާފުވެގެން ކަމަށާއި އަނެއްބައި ފަހަރު ފަރިތަކަމާއި، ކުޅަދާނަކަން ދަންކާން އުޅޭން ހަދައިގެން ކަމަށެވެ. ނަމަވެސް އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.



