މި ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް އެމަނިކުފާނު އިއުލާނު ކުރެއްވި ޕްރޮގްރާމެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާތުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 1 މިލިއަން ގަސް އިންދާފައިވެއެވެ. އަދި އަންނަ އަހަރު އިތުރު ގަސްތައް އިންދާނެކަން ފާހަގަކުރައްވާ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 2 ހައިވަކަރު ގަސް މިހާރު އިންދާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ ނިޔަލަށް މިލިޔަނަކަށްވުރެ ގަސް އިންދޭނެކަމަށް މިނިސްޓަރ ތޯރިގު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި އެ މިނިސްޓްރީން ވަނީ މިއަހަރުތެރޭވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 55،000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ވަނީ ތައްޔާރުވެފައެވެ.


