ކުރީ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ ޑިޕޮސިޓްގެ ގޮތުގައި ކުރިން ފައިސާ ދެއްކި މީހުންގެ ކުލިން އެ ބައި އުނިކުރަން ނިންމައިފިއެވެ.
ފްލެޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރަން ނިންމައި، އެ އަދަދު މިއަދު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން ގެންނަން ނިންމާފައިވާ ބަދަލުތަކަކީ:
° 3 ކޮޓަރި ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމުލަ މަހު ކުއްޔަށް 10،000 ރުފިޔާ، ކުރިން 11،500 ރުފިޔާ
° 3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 8،500 ރުފިޔާ، ކުުރިން 25،000 ރުފިޔާ
° 2 ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމުލަ މަހު ކުއްޔަށް 7000 ރުފިޔާ، ކުރިން 8،000 ރުފިޔާ
° 2 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ، ކުުރިން 15،000 ރުފިޔާ
ސެކިއުރިޓީ ޑިޕޮސިޓް ކުޑަ ކުރިއިރު ބައެއް މީހުން ވަނީ، އެ ފައިސާ ދައްކާފައެވެ. އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި އެ ފައިސާ، އެ މީހުންގެ މަހު ކުލިން އުނިވާނެއެވެ.
އެގޮތުން:
° 2 ކޮޓަރީގެ ފްލެޓް: 15،000 ރުފިޔާގެ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް،6،000 ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު ބާކީ ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެއްސުން
° 3 ކޮޓަރީގެ ފްލެޓް: 25،000 ރުފިޔާގެ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް،8،500 ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު ބާކީ ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެއްސުން




