ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އާންމު ވައި ހުރީ 7 މޭލާއި 15 މޭލާއި ދެމެދުގައެވެ. މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނު އަތޮޅުތަކަށް 8 މޭލާއި 18 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލާފަކޮށްފައިވާއިރު، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މިހާރު ދައްކާގޮތުން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހަފުތާ ބަންދަށް ފަހު ކަމަށެވެ. އަދި މޫސުން އަލިކުރާނެ ކަމަށް ލަފާކުރެވެނީ އާދީއްތައިގެ ފަހުން ކަމަށް ވެސް ބުންޏެވެ.



